
ތިން ހަފުތާގެ ހަރަދު 1.4 ބިލިއަނަށް
ލޯނުތައް ދެއްކުމަށް ކުރި ހޭދައާއެކު މިދިޔަ ޖެނުއަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ލޯނަށް ކުރި ހޭދައާއެކު މިދިޔަ އަހަރުގެ މި މުއްދަތުގައި ޖުމްލަ ހަރަދު ހުރީ 1.6 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ލޯނުތައް ދެއްކުމަށް މި އަހަރު 345 މިލިއަން ރުފިޔާ އަދި ލެންޑިންގްގެ ގޮތުގައި 212 މިލިއަން ރުފިޔާ ދީފައިވެ އެވެ.
ދައުލަތުން މި އަހަރު ކުރި ހޭދައިގެ ތެރެއިން 843 މިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ.
އެ ގޮތުން މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މި އަހަރު 152.7 މިލިއަން ރުފިޔާ ހަރަދުކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 690.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ.