ފޮޓޯ: އައިކެއާ

އާރުއޯޕީ ލޭޒާ ޓްރީޓްމަންޓް ރާއްޖެއަށް ތައާރަފުކޮށްފި

ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދޭ އާރްއޯޕީ ލޭޒާ ޓްރީޓްމަންޓް ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މިއީ ދުވަސްނުފުރާ ވިހާ ކުދިންގެ ލޮލަށް ކުރިމަތިވާ ވަރަށް ސީރިއަސް މައްސަލައެކެވެ. މި މައްސަލަ ކުރިމަތިވަނީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުއްޖާ އަންޑަޑިވެލޮޕްވެ ލޮލުގެ ރެޓިނާގެ ލޭ ނާރުތައް ހުންނަން ޖެހޭ ގޮތާއި ހިލާފަށް އެބްނޯމަލްކޮށް އުފެދުމުންނެވެ.

އައިކެއާ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާރްއޯޕީ ލޭޒާ ފަރުވާ ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. މި ޕްރޮސީޖާ ހަދާފައިވަނީ 33 ހަފުތާގައި އުފަންވި ފިރިހެން ކުއްޖަކަށެވެ.

މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް އުޅުއްވި އައިކެއާ ހޮސްޕިޓަލްގެ ވިޓްރިއޯ-ރެޓިނަލް ސްޕެޝަލިސްޓް އަދި ސާޖަން ޑރ. މުހައްމަދު އައްޒާމް އެވެ.

މި ފަރުވާއަށްފަހު އެ ތުއްތު ކުއްޖާގެ ލޮލުގެ އެބްނޯމަލް ނާރުތައް ވަރަށް ބޮޑަށް މަދުކުރެވި ކާމިޔާބުކަމާއެކު ޕްރޮސީޖާ ނިންމާލެވިފައިވާ ކަމަށް އައިކެއާއިން ބުނެ އެވެ.

މިއީ އާންމުކޮށް 32 ހަފުތާ ނުވަނީސް އުފަންވާ ކުދިންނާއި 1،500 ގްރާމަށްވުރެ ލުއިކޮށް އުފަންވާ ކުދިންނަށް ކުރިމަތިވާ މައްސަލައެކެވެ.

މި މައްސަލަ ކުރިމަތިވުމުގެ ސަބަބުން ލޮލުގެ ރެޓިނާ އެއްކޮށް ހަލާކުވެ ލޮލުގެ ފެނުން އެއްކޮށް ގެއްލުމަށް މަގުފަހިވެ އެވެ. އަދި ފަރުވާ ނުދެވި ލޮލުގެ ފެނުން ގެއްލިއްޖެނަމަ އިތުރު ފަރުވާއެއްދީ ލޮލުގެ ފެނުން އަލުން އިއާދަ ނުކުރެވޭ ވަރުވެ އެވެ.