-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކް އިން ކްރެޑިޓް ކާޑު ތައާރަފުކޮށްފި

ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ތައާރަފްކޮށްފި އެވެ.

އެ ބޭންކުން ބުނި ގޮތުގައި އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ބީއެމްއެލް އިސްލާމިކް އާ ކްރެޑިޓް ކާޑު ތައާރަފްކޮށްފައި ވަނީ ބުކިން.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެންނެވެ.

މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ކަމަށްވެސް ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ކަސްޓަމަރަކަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފްކުރި ކާޑެކެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ އެވެ. ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް މި ރިވޯޑް ޕްއިންޓްސް ބޭނުންކުރެވޭނެ އެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑާއި ގުޅޭ ގޮތުން ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވި ގޮތުގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑުތަކަކީ ޝަރުއީ ހަމަތަކާ އެއްގޮތަށް ޕޭމަންޓް ސޮލިއުޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންގެ ބޭނުންތަކާއި ހިޔާރުކުރާ ކަންކަމަށް ބަލައި ފަރުމާކޮށްފައިވާ ކާޑެއް ކަމަށެވެ.

"ކަސްޓަމަރުންގެ ޑިމާންޑާއި އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފުކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ކަލާމް ވިދާޅުވި އެވެ.

ޑިވްޔާ ޖައިން، ވީޕީ/ޖީއެމް، ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސް ވިދާޅުވީ ރާއްޖޭގެ މާކެޓަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ކާޑަކީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެންބަރުންނަށް އަގުހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.

އަލަށް ބޭންކުން ތައާރަފްކުރި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ ބޭންކުން ދޫކުރާ އެހެން ކާޑުތަކާ އެއްގޮތަށް އެންމެފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ ކާޑެކެވެ.

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ދޫކުރާނީ ސްޓޭންޑަޑް، ގޯލްޑް، އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައެވެ.

ބީއެމްއެލް ކްރެޑިޓް ކާޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކްގެ ވެބްސައިޓުން ލިބޭނެ އެވެ.