އޮގަސްޓްގެ ނިޔަލަށް ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ހިދުމަތް ދެނީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް މިހާރު ނުދެވި ހުރި އަތޮޅުތަކުގައި އޮގަސްޓް މަހުގެ ނިޔަލަށް އެ ހިދުމަތް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެން އޮގަސްޓް މަހު ބާކީ ހުރި ހުރިހާ އަތޮޅަކަށް އާރްޓީއެލް ފެރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.
"މިހާރު ގޮއްސަ އޮތް ހިސާބުން އިތުރު ހިކަޕެއް ނައިސް ކުރިއަށްދާނެ. އެހެންވީމަ ކުރިއަށް އޮތް ތިން ހަތަރު މަސް ތެރޭގައި އެންމެ ލަސްވެގެން ޖުލައި އޮގަސްޓާ ހިސާބަށްދާއިރު މި ބަލަނީ ބާކީ ހުރި ހުރިހާ އަތޮޅެއް ކަވަރު ކުރެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މި ހިދުމަތް މިހާރު ފަށާފައިވާ އަތޮޅުތަކަށް ބޭނުންވާ ސްޕެއާ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.