ފޮޓޯ: އެމްޓީސީސީ

އަލިފުށީ އެއާޕޯޓާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. އަލިފުށީ އެއާޕޯޓާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އަލިފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

މި ރަސްމިއްޔާތުގައި އަލިފުށި ކައުންސިލުގެ ރައީސް އާދަމް އިމްރާނާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޓީސީސީން މިއަދު ބުނީ, މި މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާނީ ބިން ކަމަށެވެ. އަދި އޭގެ ފަހުން އެ ރަށު އެއާޕޯޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން  މި މަޝްރޫއު އެ ކުންފުންޏާއި ހަވާލު ކުރީ  މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެކެއްގައި އެވެ. މިއީ އަގުގެ ގޮތުންނާއި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތަށް ބަލާއިރު އެ ކުންފުނީގެ 41 އަހަރުގެ ދިގު ތާރީހުގައި ސަރުކާރުން އެ ކުންފުންޏާއި ހަވާލުކުރި އެންމެ ބޮޑު މަޝްރޫއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އެ ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކޮށްގެން ހިއްކާ ބިމެވެ.

ބާކީ 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް އެޅުމަށް ހިއްކާ ބިމެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި 480 މީޓަރުގެ ގްރޮއިންއެއްވެސް ގާއިމުކުރާނެ އެވެ.

އެއާޕޯޓް މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ, އޭޕްރަން އަދި ސާވިސް ރޯޑު ހެދުމާއި ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިން އެއް އެޅުމާއި އަލިފާން ނިއްވާ އާލާތްތައް ބެހެއްޓުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

މިއީ 451.61 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއު އެކެވެ.