މެކް ޑޮނަލްޑްސްގެ ވިޔަފާރި ދަށަށް

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މެކް ޑޮނަލްޑްސްގެ ވިޔަފާރި ދަށަށް ހިނގައްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެކް ޑޮނަލްޑްސްގެ ވިޔަފާރި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދަށަށް ގޮސްފަ އެވެ. އެ ގޮތުން މެކް ޑޮނަލްޑްސްގެ ސާފު އާމްދަނީ (ނެޓް އިންކަމް) 12 ޕަސެންޓް ދަށްވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މެކް ޑޮނަލްޑްސްގެ ވިޔަފާރި މީގެ ކުރިން ދަށަށް ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި 2020 ވަނަ އަހަރު މެކް ޑޮނަލްޑްސްގެ އެތައް ހާސް އައުޓްލެޓްތައް ބަންދުކުރަން ޖެހުމުންނެވެ.

މެކް ޑޮނަލްޑްސްގެ ސީއީއޯ ބުނީ ވާދަވެރިންނާ އަޅާބަލާއިރު އެ ކުންފުނީގެ ވިޔަފާރި ދަށަށް ގޮސްފައިވާ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ކުއާޓަރުތަކުގައިވެސް ވިޔަފާރި ދަށަށް ގޮސްދާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޣައްޒާއަށް ހަމަލާ ދިނުމުގައި އިޒްރޭލަށް މެކް ޑޮނަލްޑްސް އިން ވާގިވެރިވާތީ ގިނަ ބަޔަކު އަންނަނީ މެކް ޑޮނަލްޑްސް ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.