މިދިޔަ މަހު އަގުތައް ދަށަށް
މުދަލާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ އެޕްރީލް މަހު ދަށަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ މިއަހަރުގެ އެޕްރީލް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ މާޗް މަހާ އަޅާބަލާއިރު އެޕްރީލް މަހު އަގުތައް ވަނީ 0.76 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު އަގުތައް ވަނީ 1.12 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ކަނޑުމަސް ނުހިމަނައި މި އަދަދު ހުރީ 0.87 ޕަސެންޓް ދަށުގަ އެވެ.
އެޕްރީލް މަހު ސަޕްލައި ފެނުގެ އަގު 23.85 ޕަސެންޓް ދަށަށް ދިޔައިރު ކަރަންޓުގެ އަގު 10.60 ޕަސެންޓް އަދި މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގު 1.59 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
އެޕްރީލް މަހު ކަނޑުމަހާއި އެއްގަމު މަހުގެ އަގުތައް ވަނީ އުފުލިފަ އެވެ.
އެގޮތުން ކަނޑުމަހުގެ އަގުތައް 1.30 ޕަސެންޓް އަދި އެއްގަމު މަހުގެ އަގުތައް 2.01 ޕަސެންޓް އުފުލުނެވެ.
މޭވާގެ އަގުތައް މިދިޔަ މަހު 0.68 ޕަސެންޓް ވަނީ އުފުލިފަ އެވެ.