ފަތުރުވެރިންތަކަކަށް ރާއްޖެއިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ ފޭސްބުކް ޕޭޖް

މަހުގެ ފުރަތަމަ 15: 76،000 ފަތުރުވެރިން

މި ޖުލައި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 76،837 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 68،723 ފަތުރުވެރިންނަށްވުރެ 11.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރޭގައި ޗައިނާއިން ޒިޔާރަތްކުރި 136،728 ފަތުރުވެރިންނާއި ރަޝިއާއިން ޒިޔާރަތްކުރި 114،981 ފަތުރުވެރިން ހިމެނެ އެވެ. މި ދެ ގައުމަކީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދެ ގައުމެވެ.

ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 98،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި މި ވަގުތު 175 ރިސޯޓެއް ދަނީ ހިންގަމުންނެވެ. މީގެ އިތުރުން 867 ގެސްޓްހައުސް އާއި 151 ސަފާރީ އުޅަނދު އަދި 14 ހޮޓާ ހިންގަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.