ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި މިލަންދޫގައި ރީޑިން ޕާކެއް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ށ. މިލަންދޫ ސްކޫލުގައި ފޮތް ކިއުމަށް ހާއްސަކޮށް އައުޓްޑޯ ރީޑިން ޕާކެއް ގާއިމްކޮށްފި އެވެ.
މިލަންދޫ ސްޕޯޓްސް ކްލަބުން ތަރައްގީކުރި މި ޕާކަކީ މިލަންދޫ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަރައްގީކުރި ޕާކެކެވެ. މި ރީޑިން ޕާކުގެ މަގުސަދަކީ ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގު އުފެއްދުމާއި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ މި ޕްރޮޕޯސަލް ކާމިޔާބު ކުރި މިލަންދޫ ސްޕޯޓްސް ކްލަބްގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ ރީޑިން ޕާކުގެ ސަބަބުން ދަރިވަރުންނަށް ފޮތް ކިއުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމްކުރެވި ފޮތް ކިއުމުގެ މުހިންމުކަން ދަސްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އަހުމަދު ސަމީހު ވަނީ މި ޕްރޮޖެކްޓް ނިންމުމަށް ބީއެމްއެލް އަދި ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ވެދިން އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރަތަމަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ވަނީ ހޮވާފަ އެވެ.ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.
މި ފަންޑުގެ ދަށުން މިހާތަނަށް 90 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.