އުޅަނދުތައް ނެގުމަށް އެމްޓީސީސީން ފާހަގަކުރި ސަރަހައްދު. ފޮޓޯ އެމްޓީސީސީ

ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރޭގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފި އެވެ.

އެމްޓީސީސީން ބުނީ އެ ސަރަހައްދުގެ ފަޅުތެރެއަކީ ހަމައެކަނި އެ ކުންފުނީގެ ފެރީތައް ބޭނުންކުރުމަށް ޓްރާޏްސްޕޯޓް މިނިސްޓްރީން ހާއްދަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ. ނަމަވެސް މި ސަރަހައްދުގައި އެހެނިހެން އުޅަނދުތައް ގަވާއިދާ ހިލާފަށް އަޅާފައި ހުރުމުގެ ސަބަބުން ފެރީތައް ގަޑިއަށް ފުރުމަށާއި ލެފުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ.

ގަވާއިދާ ހިލާފަށް އަޅާފައިވާ ހުޅަނދުތަކުގެ ސަބަބުން އެކްސިޑެންޓްތައްވެސް ހިނގުމަށް މެދުވެރިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެ ސަރަހައްދުގައި ގަވާޢިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް 10 ދުވަހުގެ ތެރޭގައި ނެގުމަށް އެމްޓީސީސީން ވަނީ އަންގާފަ އެވެ. އެމްޓީސީސީން ބުނީ މި މުއްދަތުގައި ނުނަގާ ހުރި އުޅަނދުތައް ފުލުހުން މެދުވެރިކޮށް ނަގާނެ ކަމަށެވެ.