ފޮޓޯ އަވަސް

އެސްޓީއޯއިން ހެޔޮއަގުގައި ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބާޒާރަށް

އެސްޓީއޯއިން ހެޔޮއަގުގައި ފިޔާ، ބިސް، އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 320 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 310 ރުފިޔާއަށް ވިއްކާއިރު ފިޔާ ބަސްތާއެއްވެސް މިވަގުތު ވިއްކަން ހަމަޖެހިފައިވަނީ 310 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ. އަދި ލުނބޯ ވިއްކުމަށް ހަމަޖެހިފައިވަނީ ކޭހެއް (5 ކިލޯގެ) 145 ރުފިޔާގެ ރޭޓުންނެވެ.

އެސްޓީއޯ އިން ބުނެފައިވަނީ މިތަކެތި ހޯލްސޭލްކޮށް ލިބެން ހުންނާނީ އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިން ކަމަށެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެ ރުފިޔާއަށް ބިހެއް އަދި 18 ރުފިޔާއަށް އަލުވި ކިލޯއެއް ވަކިން ގަނެވެން ހުންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. އަދި ވަކިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ފިޔާ ކިލޯއެއް 14 ރުފިޔާއަށް އަދި ލުނބޯ ކިލޯއެއް 40 ރުފިޔާއަށް ގަނެވެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.