ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތަކެއް ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓް ޓެކުހުން 1.1 ބިލިއަން ރުފިޔާ

އެއާޕޯޓް ޓެކުހުން ދައުލަތަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން 601 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުން 584 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 493 މިލިއަން ރުފިޔާ އެވެ. ޑިޕާޗާ ޓެކުހުން ލިބުނީ 486 މިލިއަން ރުފިޔާ އެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ނަގާ ފީ އެކެވެ. މި ފީ އިން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުންނެވެ.

ޑިޕާޗާ ޓެކުހަކީ ރާއްޖޭގެ އެއާޕޯޓަކުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކުހެކެވެ. ޑިޕާޗާ ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 12 ޑޮލަރު ނަގާއިރު ބިދޭސީންގެ އަތުން ނަގަނީ 30 ޑޮލަރެވެ. ޑިޕާޗާ ޓެކްސްވެސް ނަގަނީ މި ރޭޓުގަ އެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާއިރު ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުން އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާނަމަ 120 ޑޮލަރު ނަގަ އެވެ.