
މިފްކޯގެ ބޯޓެއް -- ފޮޓޯ: މިފްކޯ
މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
މިފްކޯގެ ސީއީއޯ / އެމްޑީ (އިންޓަނޭޝަނަލް) ގެ މަގާމަށް މީހަކު ހޯދަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުރި އިއުލާން ބާތިލުކޮށްފި އެވެ.
ޕީސީބީ އިން ކުރި އިއުލާނެއްގައި ބުނީ މިފްކޯއަށް ސީއީއޯއަކު ހޯދަން ކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައިނުވުމެވެ.
މިފްކޯގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ޕީސީބީ އިން އިއުލާނު ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މީހަކު ހޯދަން ކުރި އިއުލާނުގައިވާ ގޮތުން އެ މަގާމަށް ހޮވޭ ބޭފުޅެއްގެ ގާބިލްކަމަށް ބެލުމަށްފަހު 9،500 ޑޮލަރު (146،000 ރުފިޔާ) އާއި 12،000 ޑޮލަރު (185،000 ރުފިޔާ)އާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ.