ބަޔަކު ވިޔަފާރި ކުރަނީ -- ފޮޓޯ: އަވަސް

ކާބޯތަކެތީގެ އަގުތައް މިދިޔަ އޮގަސްޓް މަހު އުފުލިއްޖެ

ކާބޯތަކެތީގެ އަގުތައް މިދިޔަ އޮގަސްޓް މަހު އުފުލިއްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ އޮގަސްޓް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޮގަސްޓް މަހު ވަނީ 1.43 ޕަސެންޓް އުފުލިފަ އެވެ. އަދި މި އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.19 ޕަސެންޓް އުފުލުނެވެ.

އަގުތައް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީ ހިމެނެ އެވެ. މޭވާގެ އަގު 4.87 ޕަސެންޓް އުފުލުނުއިރު ތަރުކާރީގެ އަގުތައް 2.17 ޕަސެންޓް އުފުލުނެވެ.

ހަކުރު، ޖޭމް، މާމުއި އަދި ޗޮކްލެޓްގެ އަގު 0.48 ޕަސެންޓް އުފުލުނުއިރު ކޮފީގެ އަގު 1.40 ޕަސެންޓް އަދި ސަޕްލައި ފެނުގެ އަގު 0.61 ޕަސެންޓް އުފުލުނެވެ.

އަގުތައް ހެޔޮވި މުދަލާއި ހިދުމަތްތަކުގެ ތެރޭގައި ކަރަންޓާއި މޯބައިލް މުވާސަލާތީ ހިދުމަތް ހިމެނެ އެވެ.

ކަރަންޓުގެ އަގު 1.94 ޕަސެންޓް އަދި މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގު 2.56 ޕަސެންޓް ހެޔޮވި އެވެ.