ފޮޓޯ: އެމްޓީސީސީ

ބިލެތްފަހި ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ ބޭސިން ފުންކުރުން ހިމެނެ އެވެ.

މީގެ އިތުރުން 9,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 3،500 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކުރުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން 181 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1549 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއަކީ 40.73 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.