ރައީސް ޑރ. މުހައްމަދު މުއިއްޒު ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ދަތުރުތަކަށް ޓިކެޓް ނަގާ އުސޫލު ބަދަލުކޮށްފި

ސަރުކާރުން ވައިގެމަގުން ކުރާ ދަތުރުތަކުގެ ޓިކެޓް ނެގުމުގެ އުސޫލަށް މާދަމާ އިން ފެށިގެން ބަދަލު ގެންނަން ނިންމައިފި އެވެ.

މި ނިންމުން ނިންމިކަން އަންގާފައިވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ސޮއިކުރައްވާ ސަރުކާރުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގަ އެވެ.

މި ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަންޒިލްތަކަށް ވައިގެ މަގުންކުރާ ދަތުރުތަކާ ގުޅޭ ގޮތުން ޖެނުއަރީ 1، 2016 ގައި އެ މިނިސްޓްރީން ނެރުނު ސާކިއުލާ މާދަމާ އިން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އޭރު ހަމަޖެއްސި އުސޫލަކީ ވައިގެ މަގުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހުރިހާ މަންޒިލަކަށް ސަރުކާރުން ކުރާ ދަތުރުތައް އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ޓްރެވަލް ޑިވިޝަން ކަމުގައިވާ މޯލްޑިވިއަން ހޮލިޑޭސް އިން ކުރާ ގޮތަށް ހަމަޖެއްސުމެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު ޝަފީގު ސޮއިކުރައްވާ މިމަހުގެ ދެވަނަ ދުވަހު ނެރުނު ސާކިއުލާގައި ބުނެފައިވަނީ މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްތައް ފިޔަވައި އެހެނިހެން މަންޒިލްތަކަށް ސަރުކާރު އޮފީސްތަކުން ވައިގެ މަގުންކުރާ ދަތުރުތަކަށް ސީދާ އެ އެއާލައިންތަކުގެ އަގު ބެލުމަށްފަހު އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބެންހުރި އެއާލައިނަކުން ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޓިކެޓް ހޯދުމަށް ނިންމާފައިވާތީ އެ ގޮތަށް އަމަލުކުރުމަށް އަންގާ ކަމަށެވެ.