ދ. މީދޫ ބަނދަރު މަޝްރޫއުގެ ތެރެއިން- ފޮޓޯ އެމްޓީސީސީ

ދ. މީދޫ ބަނދަރު - ކޮންކްރީޓް ގައު އެތުރުން ކުރިއަށް

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަ ކުރި ގޮތުގައި، ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށިލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.