ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި
އުރީދޫ މޯލްޑިވްސްގެ ބޮކި ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަކީ ފުޓުބޯޅައަށް ތަފާތު އަދި މަޖާ ބަދަލުތަކެއް ގެނެސްގެން ކުޅޭ ބަމްޕާ ފުޓްބޯޅަ އެވެ. މި މުބާރާތް އިންތިޒާމުކޮށްފައި ވަނީ އުރީދޫގެ ބްރޭންޑް އެމްބަސަޑަރު މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި އެކު އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ހަވަނަ ދުވަހުން އަށްވަނަ ދުވަހަށެވެ.
މުބާރާތުގެ އެއްވަނަ އަށް 20،000 ރުފިޔާ ހުށަހެޅިފައިވާއިރު ދެވަނައަށް 10،000 ރުފިޔާ އަދި ތިން ވަނައަށް 5،000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.
ޖުމްލަ 12 ޓީމާއެކު ކުރިއަށް ގެންދާ މި މުބާރާތުގައި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާނެ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާނެ އެވެ.މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު، ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފު ހިމެނޭނެ އެވެ.