އޮގަސްޓް މަހު މީރާއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 1.98 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 24 ޕަސެންޓް އަދި މި އަހަރުގެ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 34.5 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 62.82 މިލިއަން ޑޮލަރު ހިމެނެ އެވެ.
އޮގަސްޓް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އިންނެވެ.
ޖީއެސްޓީގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު ދައުލަތަށް 1.06 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ އޮގަސްޓް މަހު ލިބުނު ޖުމްލަ އާމްދަނީގެ 53.3 ޕަސެންޓެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސް -- އާމްދަނީން ނަގާ ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 472.66 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 23.9 ޕަސެންޓެވެ.
މީގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމެންޓް ފީގެ ގޮތުގައި 90.85 މިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 89.13 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 87.11 މިލިއަން ރުފިޔާ ލިބުނެވެ.