މަސްވެރިކަމަށް ބްރޭންޑެއް އުފައްދަނީ
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކުރަން ބްރޭންޑެއް އުފައްދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި ބްރޭންޑް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކުރީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރްއެމްޕީސީ) އިންނެވެ.
އެމްއެފްއޯއާރްއެމްޕީސީއަކީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި އަހަރުގެ ފެބްރުއަރީ މަހު ރައީސް ނެރުއްވި ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.
މަސްވެރިކަމަށް ބްރޭންޑް އުފެއްދުމުގެ މަސައްކަތުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ސަރުކާރުގެ އޮފިޝަލުންނާއި ސިނާއަތުގެ ތަޖުރިބާކާރުންގެ އިތުރުން ރާއްޖޭގެ މަސްވެރިކަމާއި ގުޅުން އޮންނަ ބޭރުގެ ފަރާތްތަކާ ގުޅިގެން މާކެޓް ދިރާސާއެއް ކުރުން ހިމެނެ އެވެ.
މި ދިރާސާގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖެއާ ވާދަވެރި މާކެޓްތަކާ އަޅާބަލާއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާތައް ދެނެގަތުން ހިމެނެ އެވެ.
ބައިނަލްއަގުވާމީ މަތީ ފަންތީގެ މާކެޓުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި ގޮންޖެހުންތައް ދެނެގަނެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ހުރި އާ ފުރުސަތުތައް ދެނެގަތުމަކީވެސް މި ދިރާސާގެ މަގުސަދެކެވެ.
ދިރާސާގެ އަލީގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ބްރޭންޑް ނަމެއް އުފައްދަން ޖެހެ އެވެ.