ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް އެ ބޭންކުން ހިންގާ ޕްރޮގްރާމެކެވެ.

މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ގޮތުން ބީއެމްއެލްގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

 

ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ ޕްރޮގްރާމުގެ ދަށުން ޒުވާނުންނަށް މާލީ ދާއިރާގައި ވަޒީފާގެ ފުރުސަތު ހޯދުމަށް އަދި ފަށައިގަތުމަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ.

"މި ޕްރޮގްރާމުގައި މިހާތަނަށް 42 އަށް ވުރެ ގިނަ ބައިވެރިން މިވަނީ ކާމިޔާބު ކަމާއެކު މި ޕްރޮގްރާމް ނިންމާފަ. އަދި މީގެ ތެރެއިން 70 ޕަސަންޓް ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ލިބިފައިވޭ،" 2018 ވަނަ އަހަރު ތައާރަފު ކުރި ޕްރޮގްރާމާ ގުޅޭ ގޮތުން ސަހާ ވަހީދު ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް ކޮންމެ މަހަކު 6،000 ރުފިޔާގެ މުސާރަ އަދި ރަމަޟާން މަހުގެ ބޯނަސް އިތުރުން ޕެއިޑް ލީވް ލިބޭނެ އެވެ.