އާމްދަނީ 22 ޕަސަންޓް އިތުރުވެއްޖެ

މިއަހަރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 22 ޕަސަންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މޭ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 12.7 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 9.5 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ތިން ބިލިއަން ރުފިޔާ ހިމެނެ އެވެ.

މި މުއްދަތުގައި 16.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މީގެ ތެރެއިން 7.3 ބިލިއަން ރުފިޔާ ހޭދަކުރީ އީދާރީ އަދި ހިންގުމުގެ ހަރަދަށެވެ.

މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް 3.9 ބިލިއަން ރުފިޔާ ހޭދަކުރިއިރު ތަރައްގީގެ މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ހޭދަކުރި އެވެ.