
ހިތާދޫ ބަނދަރުގެ އެއްގަމުތޮށި މަރާމާތް ނިންމާލައިފި
ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތް ނިންމާލައިފި އެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 88 ޕަސެންޓްވެސް މިހާރު ވަނީ ނިމިފަ އެވެ.
މި މަޝްރޫއުގެ ދަށުން، 19،030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެ އެވެ.
އޭގެ އިތުރުން 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުން ހިމެނެ އެވެ.
މަޝްރޫއުގެ ދަށުން 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 17.70 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.