
ދިރާގު އީ-ސްޕޯޓްސް ކޮމްޕެޓިޝަން ނިންމާލައިފި
ދިރާގުން ބޭއްވި އީ-ސްޕޯޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ނިންމާލައިފި އެވެ.
ޖުމްލަ 100،000 – އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދިޔައީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭ ފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގަ އެވެ.
ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އީ-ސްޕޯޓްސް ސަގާފަތް ރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށާއި މިއީ ދިވެހި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށެވެ.
ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ޓީމް ސްލީޕިން ފޮރެސްޓްއިން ހޯދިއިރު ދެވަނަ ހޯދީ ޓީމް ވިގަނި އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް އެސް.އެލް.އެފް.އޯ މެކްސިސް އެވެ.
ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓެއްގެ އިތުރުން އާންމުންނަށް ހުޅުވާލައިގެން ވީއާރް ކުޅިވަރުތަކާއެކު ގޭމިން ފެސްޓެއް ދިރާގު ހެޑް އޮފީހުގައި ބާއްވާފަ އެވެ.
ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ.