އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 51 އިންސައްތަ ނިންމާލައިފި

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއު (ދެވަނަ ފިޔަވަހި) ގެ ދަށުން، މަސައްކަތުގެ 51 އިންސައްތަ ނިންމާލައިފި އެވެ.

 

އެމްޓީސީސީން ބުނި ގޮތުގައި މަގުބައްތި ހަރުކުރުމުގެ 89 އިންސައްތަ މިހާރު ވަނީ ނިމިފަ އެވެ. އަދި، ސަބްގްރޭޑް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ 40 އިންސައްތަ ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ ދުވާރުގެ މަސައްކަތް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

 

މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރުމާއި، 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެވެ. މި މަޝްރޫޢަކީ 20.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.