މާރިއޯއަށް 368 މިލިއަން ޑޮލަރު

ބުދަ ދުވަހު ރިލީޒްކުރި "ދަ ސުޕަ މާރިއޯ ބްރޯސް. މޫވީ" އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ 368 މިލިއަން ޑޮލަރަށް އަރައިފި އެވެ.

އެމެރިކާއިން އެކަނިވެސް މި ފިލްމަށް 137 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

ދަ ސުޕަ މާރިއޯ ބްރޯސް މޫވީގައި މާރިއޯގެ ރޯލަށް އަޑުއަޅާފައިވަނީ ކްރިސް ޕްރަޓް އެވެ. ލުއިޖީގެ ރޯލަށް އަޑުއެޅީ ޗާލީ ޑޭ އެވެ. ޕްރިންސެސް ޕީޗްގެ ރޯލަށް އަޑުއެޅީ އަންޔާ ޓޭލާ-ޖޯއީ އެވެ.

ނިންޓެންޑޯ ހިޓް ވީޑިއޯ ގޭމް ސީރީޒްއާ ހިލާފަށް މި ފިލްމަށް ރިވިއުތަކެއް ލިބިފައިނުވާއިރު އެގްރިގޭޓަރު ވެބްސައިޓު ރޮޓެން ޓޮމާޓޯސް ވެބްސައިޓްގައި ލިބިފައިވަނީ 44 ޕަސަންޓް ރޭޓިން އެކެވެ.