ބްރެސްޓް އިމްޕްލާންޓް ސާޖަރީ ވީޑިއޯ ކުރުމުން ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރަނީ
ޗައިނާގެ އަންހެނެއްގެ ބްރެސްޓް އިމްޕްލާންޓް ސާޖަރީ ވީޑިއޯކޮށް އާންމު ކުރި މައްސަލައިގައި ހޮސްޕިޓަލާ ދެކޮޅަށް ދައުވާކުރަން އޭނާ ނިންމައިފި އެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ސެންޓްރަލް ޗައިނާގެ ހެނާން ޕްރޮވިންސްގެ ހޮސްޕިޓަލެއްގަ އެވެ.
ހޭނެއްތުމަށްފަހު ކުރި މި އޮޕަރޭޝަންގެ ވީޑިއޯ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ދައުރުވަމުންދާކަން ފާހަގަކުރެވުނީ އޮޕަރޭޝަން ކުރިތާ ފަސް މަސް ފަހުންނެވެ.
ޗައިނާގެ ނޫހަކަށް މައުލޫމާތު ދެމުން އެމީހާ ބުނީ ވީޑިއޯގެ ސަބަބުން އޭނާގެ ޕްރައިވަސީއަށް އަސަރުކޮށްފައިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ހޮސްޕިޓަލަށް ގުޅައި އެ ވީޑިއޯ ކުރީ ކާކުތޯ އެތައް ފަހަރަކު ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ޒިންމާއިން ހޮސްޕިޓާ ރެކެމުންދާ ކަމަށެވެ.
ވީޑިއޯގެ މައްސަލައިގައި މާފަށް އެދި އެކަން އާންމުކުރުމަށާއި ގެއްލުމުގެ ބަދަލު ހޯދަންވެސް އެ އަންހެން މީހާ ވަނީ ހޮސްޕިޓަލުގައި އެދިފަ އެވެ. ނަމަވެސް ހޮސްޕިޓަލުން ވަނީ މައާފަށް އެދުމަށް ދެކޮޅު ހަދާފަ އެވެ.
ހޮސްޕިޓަލްގެ ސީސީޓީވީ ކެމެރާތަކުގެ ރިކޯޑިން ތިން މަސް ފަހުން ޑިލީޓްވާތީ އޮޕަރޭޝަންގެ ވީޑިއޯ ކުރި މީހެއް ސީސީޓީވީ ކެމެރާގެ އެހީގައިވެސް ވަނީ ހޯދޭ ގޮތް ނުވެފަ އެވެ.