ބަނޑުގައިވާ ދަރިފުޅަށް ގެއްލުންދޭ ކެމިކަލް ދަނޑުވެރިކަމުގައި ބޭނުންކުރުން ހުއްޓާލަން އެމެރިކާގެ އަންގައިފި
ބަނޑުގައިވާ ދަރިފުޅަށް ގެއްލުންދޭ ޕެސްޓިސައިޑް ދަނޑުވެރިކަމުގައި ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ އެމެރިކާގައި ފާއިތުވި 40 އަހަރުގެ ތެރޭގައި މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.
ދަނޑުގައި ވިނަ ކޮންޓްރޯލްކުރަން ބޭނުންކުރާ ބައެއް ބާވަތުގެ ކެމިކަލްތައްވެސް އެމެރިކާގައި މަނާކޮށްފައިވާއިރު މިއީ މާބަނޑު މީހުންގެ ބަނޑުގައިވާ ދަރިފުޅަށްވެސް އޭގެ އަސަރުކުރާ ކެމިކަލް ކަމަށް އެމެރިކާގެ އީޕީއޭ އިން ބުނެ އެވެ. އޭގެ ތެރޭގައި ދަރިފުޅު އުފަންވާއިރު ބަރުދަން ލުއިވުމާއި ސިކުނޑީގެ ހެދިބޮޑުވުމަށް އަސަރު ކުރުންވެސް ހިމެނެ އެވެ.
މި ބާވަތުގެ ކެމިކަލްތައް ބާޒާރުންވެސް ނައްތާލަންޖެހޭ ކަމަށް ކަމާބެހޭ މާހިރުން ބުނެ އެވެ. މިއީ ވަގުތުން ވަގުތަށް ކުރަންޖެހޭ ކަމެއް ކަމަށްވެސް އެ މީހުން ބުނެ އެވެ.