ތްރެޑްސްގެ ލޯގޯ

ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު ދަށަށް؟

ޓްވިޓާއާ ވާދަކުރުމަށް މެޓާގެ ވެރިޔާ މާކް ޒަކަބާގް "ތްރެޑްސް" ލޯންޗްކުރުމާއެކު ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ފުރަތަމަ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަނަށްވުރެ ގިނަ މީހުން ތްރެޑްސް ބޭނުންކުރަން ފެށި އެވެ. ނަމަވެސް އެ އަދަދު ދަށަށްދާން ފަށާފައިވާ ކަމަށް ޒަކަބާގް މި ވަނީ ހާމަކޮށްފަ އެވެ.

ޒަކަބާގް ބުނީ ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު ދެބައިކުޅަ އެބަޔަށްވުރެވެސް ދަށަށް ގޮސްފައިވާ ކަމަށެވެ.

"100 މިލިއަނަށްވުރެ ގިނަ މީހުން އެޕް ބޭނުންކުރަން ފެށިނަމަ އެންމެ ރަނގަޅީ އެ އެންމެން ނުވަތަ ބައިކުޅަބައި މީހުން ނަމަވެސް އެޕް ބޭނުންކުރުން. އަހަރެމެންނަށް އަދި އެ އަދަދެއް ހާސިލެއް ނުކުރެވޭ،" ޒަކަބާގް ވިދާޅުވި އެވެ.

މިއީ "އާދައިގެ" ކަމެއްގެ ގޮތުގައި ސިފަކޮށް ޒަކަބާގް ބުނީ ތްރެޑްސް ރަނގަޅުކުރުމަށް ގެނެވޭ އާ ފީޗާސްތަކާއެކު ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތްރެޑްސް ފަށައިގަތްއިރު ފަންގްޝަންތައް ލިމިޓްކޮށްފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.