ފޮޓޯ: ދަ ކޮންނޯ ގްރޫޕް

ޓައިޓޭނިކް ބަލަން އަނެއްކާވެސް ތައްޔާރުވަނީ

ޓައިޓޭނިކް ބަލަން ޑައިވްކުރި "އޯޝަންގޭޓް" ގެ ސަބްމާސިބަލް ގޮވާ އޭގައި ތިބި ފަސް މީހުން މަރުވި ހާދިސާ ހަނދާން އެބަހުރި ހެއްޔެވެ؟

ކަނޑުގެ އެހާ ފުނަށް ޑައިވްކުރުމަކީ އަދިވެސް ރައްކާތެރި ކަމެއްކަން ސާބިތުކޮށްދޭން ބިލިއަނަރަކު މިވަނީ މަސައްކަތް ފަށާފަ އެވެ.

އޮހައިއޯގެ ރިއަލް އެސްޓޭޓް އިންވެސްޓަރު ލެރީ ބުނީ ކަނޑަކީ ގަދަތަނެއް ކަމަށާއި ނަމަވެސް ރަނގަޅު ގޮތުގައި ޑައިވްކޮށްފިނަމަ ނުރައްކަލެއް ނެތް ކަމަށެވެ.

ދުނިޔޭގެ އެންމެ ތަޖުރިބާކާރު ސަބްމާސިބަލް އޮޕަރޭޓާސް "ޓްރިޓޮން ސަބްމެރިންސް" ގެ ކޯ-ފައުންޑަރު އަދި ޗީފް އެގްޒެކެޓިވް ޕެޓްރިކް އާ ގުޅިގެން ލެރީ މަސައްކަތް ކުރަމުންދަނީ 20 މިލިއަން ޑޮލަރުގެ ސަބްމެރިން އެއް އުފެއްދުމަށެވެ.

"ޓްރިޓޮން 4000/2 އަބީސަލް އެކްސްޕްލޯރާ" އަކީ 4000 މީޓަރަށް ޑައިވްކުރެވޭ ސަބްމެރިން އެކަމަށް ބުނެވެ އެވެ.

ޓައިޓޭނިކް އޮތީ 3،800 މީޓަރު އަޑީގަ އެވެ. އެހެންކަމުން މި ސަބްމެރިންގައި ޓައިޓޭނިކް ބަލާލަން ދަތުރުކުރެވޭނެ ކަމަށް ލެރީ ގަބޫލުކުރެ އެވެ.