ލޯބިވެރިޔާއަށް އައިފޯނެއް ގަންނަން މަންމަގެ ގަހަނާތައް ވަގަށް ނަގައިފި
އިންޑިއާގެ ދިއްލީގައި ފިރިހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއަށް އުފަންދުވަހުގެ ހަދިޔާއަކަށް އައިފޯނެއް ގަންނަން މަންމަގެ ގަހަނާތައް ވަގަށް ނަގައިފި އެވެ.
މި މައްސަލައިގެ ތުހުމަތުގެ ހައްޔަރުކުރީ ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ކުއްޖެކެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ އެ ފިރިހެން ކުއްޖާގެ ބައްޕަ ވަރަށް ފަހުން ވަނީ މަރުވެފަ އެވެ.
ފޯނު ގަންނަން ފައިސާއަށް އެކުއްޖާ މަންމަ ގާތު އެދުނު ނަމަވެސް މާލީ ހާލަތު ހުރި ގޮތުން މަންމަ އެކަމަށް އިންކާރުކުރި އެވެ.
މަންމަގެ ގަހަނާތައް ވަގަށް ނަގަން އެ ކުއްޖާ ނިންމީ އެ ހިސާބުންނެވެ.
ގަހަނާތައް ވަގަށް ނަގާފައިވާކަން ފާހަގަވުމާއެކު އެކުއްޖާގެ މަންމަ އެކަން ރިޕޯޓްކޮށްފަ އެވެ.
މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް ބަލާފަ އެވެ. މީގެ އިތުރުން އަވަށްޓެރިންނާ ސުވާލުކުރުމަށްފަހު ގަހަނާތައް ވަގަށް ނެގުމުގައި ގެއިން ބޭރު އެއްވެސް މީހެއްގެ ބައިވެރިވުން ނެތްކަން ފުލުހުންނަށް ފާހަގަވި އެވެ.
ގަހަނާތައް ވަގަށް ނެގުމުގައި އެ ކުއްޖާއަށް ތުހުމަތު ކުރެވުނީ ވައްކަން ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ކުއްޖާ ގެއްލުމުންނެވެ. ތަހުގީގުތަކުން ހާމަވި ގޮތުގައި އެ ކުއްޖާ ވަނީ އައިފޯނެއް ގަނެފަ އެވެ.