ކާރެއްގެ ބޮނެޓް މަތީގައި ސްޕައިޑަމޭން ކޮސްޓިއުމް ލައިގެން އިން މީހާ -- ފޮޓޯ: އެކްސް

ކާރެއްގެ ބޮނެޓް މަތީގައި ސްޕައިޑާ މޭންއަށް ވެގެން އުޅުނު މީހަކު ހިފަހައްޓައިފި

ދުއްވަމުން ދިޔަ ކާރެއްގެ ބޮނެޓް މަތީގައި "ސްޕައިޑާ މޭން" ކޮސްޓިއުމް ލައިގެން އިން މީހަކު އިންޑިއާގެ ދިއްލީގެ ފުލުހުން ހިފަހައްޓައިފި އެވެ.

ސްޕައިޑާ މޭން ކޮސްޓިއުމް ލައިގެން އުޅުނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭރު ކާރު ދުއްވަން އިނީ 19 އަހަރުގެ މީހެކެވެ.

ކާރެއްގެ ބޮނެޓް މަތީގައި ސްޕައިޑާ މޭން ކޮސްޓިއުމް ލައިގެން މީހަކު އިން މައްސަލަ ދިއްލީގެ ފުލުހުންގެ ސަމާލުކަމަށް އައީ މީހަކު އެ މަންޒަރު ވީޑިއޯކޮށް އެކްސްގައި ޕޯސްޓްކުރުމުންނެވެ. މި މައްސަލަ ސަމާލުކަމަށް އައުމާއެކު ފިޔަވަޅު އަޅާފައިވާ ކަމަށް ދިއްލީ ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ކާރުގެ ވެރިމީހާ އަދި ދުއްވަން އިންމީހާއަށް ވަނީ ދައުވާކޮށްފަ އެވެ. އޭނާއަށް ކުރާ ދައުވާތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވުމާއި ސީޓްބެލްޓް ނާޅާ ދުއްވުމުގެ އިތުރުން ޕޮލިއުޝަން ސެޓްފިކެޓް ނެތި ދުއްވުން ހިމެނެ އެވެ.

މި ދައުވާތަކަށް އަންނާނެ އެންމެ ބޮޑު އަދަބަކީ 26،000 ރުޕީސް އިން ޖޫރިމަނާކުރުން ނުވަތަ ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމާއެކު ޖަލަށްލުމެވެ.