ރާޒުވާ ކުޅޭ ރޮބޮޓެއް، ކުއްޖެއްގެ އިނގިލި ބިންދާލައިފި

ރާޒުވާ ކުޅޭ ރޮބޮޓެއް، ކުޑަކުއްޖެއްގެ އިނގިލި ބިންދާލައިފިއެވެ.

ރަޝިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މި ހާދިސާއަކީ މިދިޔަ ހަފުތާގައި މޮސްކޯގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

މޮސްކޯގެ ޗެސް ފެޑްރޭޝަންގެ ރައީސް ސަރްޖޭ ލަޒަރެވް ވަނީ މީޑިއާތަކަށް އެކަން ކަށަވަރުކޮށްދީފައެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަ ކުއްޖާއަށް ލިބޭ ފުރުސަތުގައި، އެ ކުއްޖާ ރާޒުވާ ކުޅުމާއެކު ރޮބޮޓް، އެ ކުއްޖާގެ އިނގިލީގައި ހިފައެވެ. ނަތީޖާއެއްގެ ގޮތުން ކުއްޖާގެ އިނގިލި ބިނދެއެވެ. އެ ކުއްޖާ ސަލާމަތްކުރުމަށް ބަޔަކު މަސައްކަތްކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ.

ސަރްޖޭ ލަޒަރެވް ބުނި ގޮތުގައި މީގެ ކުރިންވެސް އެ ރޮބޮޓް ރާޒުވާ ކުޅެފައިވެއެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގާފައެއް ނުވާ ކަމަށް އޭނާ ބުންޏެވެ.