މި ކުދިން ކުޅުނު ވީޑިއޯއަށް ބޮޑު ސަމާލުކަމެއް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާއަށް ބިނާކޮށް ޔޫގަންޑާގެ ކުޑަކުދިންތަކެއް ކުޅުނު ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިހާރު ވައިރަލްވެފައިވާ މި ވީޑިއޯ އިން ފެންނަނީ ކުޑަކުދިންނެވެ.
އެ ގޮތުން ޑޮނަލްޑް ޓްރަމްޕް އާއި އޭނާ ކައިރީގައި ތިބޭ ހަށިފާރަވެރިން -- ސީކްރެޓް ސާވިސްގެ އެޖެންޓުންނާއި ޓްރަމްޕްގެ ސަޕޯޓަރުންގެ ގޮތުގައިވެސް އުޅެނީ ކުޑަކުދިންނެވެ.
މި ވީޑިއޯގައި ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ކުދިން ތިބެނީ ބަޑިއެއްގެ ސިފައަށް ލަކުޑިން ތައްޔާރުކޮށްފައިވާ ކުޅޭ ބަޑިތަކެއް ހިފައިގެންނެވެ.
ޓްރަމްޕަށް އަމާޒުކޮށް ދިން ހަމަލާއާއެކު އޭނާ ކަންފަތުގައި އަތްއަޅާ ތިރިވާ މަންޒަރާއި އެއްގޮތަށް މި ވީޑިއޯގައިވެސް ޓްރަމްޕްގެ ގޮތުގައި ފެންނަ ކުއްޖާ ތިރިވާ މަންޒަރު ފެނެ އެވެ.
އެއަށްފަހު ހަށިފާރަވެރިންނާއެކު ތެދުވެ، އޭނާ ހުރީ ގަދަކޮށް ކަމަށް ބުނެ ޓްރަމްޕް އަތުން އިޝާރާތްކުރި މަންޒަރާއި ހަށިފާރަވެރިންނާއެކު އެތަނުންދާ މަންޒަރު މި ވީޑިއޯގައި އެ ކުދިން ވަނީ ދައްކައިދީފަ އެވެ.