ރަޖޭޝް ރަވާނީ

ޓްރަކު ދުއްވުމަށްވުރެ ބޮޑު އާމްދަނީއެއް ޔޫޓިއުބް ޗެނަލްއިން

މިއީ ރަޖޭޝް ރަވާނީ އެވެ. އިންޑިއާގައި ޓްރަކު ދުއްވުމުގައި އޭނާ ވަނީ 20 އަށްވުރެ ގިނަ އަހަރު ހޭދަކޮށްފަ އެވެ.

ކެއްކުމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުން އޭނާ ފެށި ޔޫޓިއުބް ޗެނަލްއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. 1.8 މިލިއަނަށްވުރެ ގިނަ މީހުން އޭނާގެ ޗެނަލް ސަބްސްކްރައިބްކޮށްފައިވާއިރު ޓްރަކް ދުއްވައިގެން ލިބުނު އާމްދަނީއަށްވުރެ ބޮޑު އާމްދަނީއެއް މިހާރު އޭނާއަށް ލިބެ އެވެ.

އެ ގޮތުން ގެއެއް ގަނެވޭ ވަރުގެ އާމްދަނީއެއް މިހާރު އޭނާއަށް ވަނީ ލިބިފަ އެވެ.

އޭނާ ބުނި ގޮތުގައި ޓްރަކު ދުއްވައިގެން އޭނާއަށް މަހަކު ލިބެނީ 25،000 ރުޕީސް އާއި 30،000 ރުޕީސްއާ ދެމެދުގެ އަދަދެއްގެ އާމްދަނީ އެވެ.

ނަމަވެސް ޔޫޓިއުބް ޗެނަލް ހިންގައިގެން އޭނާއަށް މަހަކު އެވަރެޖުކޮށް ހަތަރު ލައްކަ ރުޕީސް އާއި ފަސްލައްކަ ރުޕީސްއާ ދެމެދުގެ އާމްދަނީއެއް ލިބެ އެވެ. އަދި ބައެއް މަސްމަހު އެއް މިލިއަން ރުޕީސްގެ އާމްދަނީއެއްވެސް ލިބެ އެވެ.