ބިންހެލުން

ކޮންމެ ދުވަހަކުވެސް، ދުނިޔޭގެ އެކި ހިސާބުތަކަށް ބިންހެލުން އާދެއެވެ. މީގެ ތެރެއިން ބައެއް ބިންހެލުންތަކަކީ އޭގެ ބާރު ވަރަށް ކުޑަ ބިންހެލުންތަކެކެވެ. އަދި ބައެއް ބިންހެލުންތައް އަންނަނީ މީހުން ދިރިނޫޅޭ ސަރަހައްދުތަކަށާއި ކަނޑުގެ އެކި ސަރަހައްދުތަކަށެވެ.

މި ބަލާލަނީ ބިންހެލުމާއި ގުޅޭ ގޮތުން ލިޔެފައިވާ ބައެއް "ފެކްޓް"ތަކަށެވެ

މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމަކީ 9.5 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެ ބިންހެލުން އައިސްފައިވަނީ 1960 ވަނަ އަހަރު ޗިލީއަށެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމަކީ 9.3 މެގްނިޓިއުޑްގެ ބިންހެލުމެކެވެ.

ބިންހެލުން ދެނެގަންނަ ނިޒާމުތަކުގެ އެހީގައި، ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 500،000 ބިންހެލުން ދެނެގަނެވެއެވެ. ދުނިޔެއަށް އަންނަ ބިންހެލުންތަކުގެ 90 އިންސައްތަ ބިންހެލުން އަންނަނީ "ރިންގް އޮފް ފަޔާރ" އަށެވެ. މިއީ ޕެސިފިކް ކަނޑުގައި އޮންނަ ސަރަހައްދެކެވެ.

ސަދަން ކެލިފޯނިއާއަށް ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 10،000 ބިންހެލުން އާދެއެވެ. އޭގެ ތެރެއިން ގިނަ ބިންހެލުންތަކަކީ ވަރަށް ކުދި ބިންހެލުންތަކެއް ކަމަށްވާތީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެ ބިންހެލުންތައް އިހުސާސެއް ނުކުރެވެއެވެ.