ޓައިޓޭނިކާއި ގުޅޭ މި ވާހަކަތައް އެނގޭތަ؟

ގަނޑުފެންގަނޑެއްގައި ޖެހި "ޓައިޓޭނިކް" ފެތުނީ 1912 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެެވެ. އެ ހާދިސާ ހިނގިތާ މިހާރު 106 އަހަރަށްވުރެ ގިނަދުވަސް ވަނީވެފައެވެ.

ޓައިޓޭނިކްއަކީ އިނގިރޭސިވިލާތުގެ ޝިޕިންގް ކުންފުނި ވައިޓް ސްޓާރ ލައިނަށް ނިސްބަތްވާ އުޅަނދެކެވެ.   ޓައިޓޭނިކް ބަނުމަށް އޯޑަރުކޮށްފައިވަނީ 1908 ވަނަ އަހަރުއެވެ. އަދި އެ އުޅަނދުގެ ހުރިހާ މަސައްކަތެއް ނިންމާލީ 2 އެޕްރީލް 1912 ގައެވެ.

މި އުޅަނދާއި ގުޅޭ ގޮތުން ލިޔެފައިވާ ބައެއް ލިޔުންތަކުގައިވާ ގޮތުން ޓައިޓޭނިކް ބަނުމަށް ހޭދަވެފައިވަނީ 1.5 މިލިއަން ޕައުންޑެވެ. މި ޒަމާނަށް ބަލާއިރު އެއީ 144.5 މިލިއަން އެމެރިކާ ޑޮލަރެވެ.

ދިގުމިނުގައި 882 ފޫޓު ނުވަ އިންޗި ހުރި ޓައިޓޭނިކްއަކީ ގަޑިއަކު 44 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ހުރި އުޅަނދެކެވެ.

ޓައިޓޭނިކްއަކީ ގަނޑުފެންގަނޑެއްގައި ޖެހި ހިނގި ހާދިސާއެއްގައި މިހާތަނަށް ފެތުނު ހަމައެކަނި އޯޝަން ލައިނާއެވެ. ގަނޑުފެންގަނޑުގައި ޖެހި ހިނގި ހާދިސާއަށްފަހު ޓައިޓޭނިކް ދެ ފަޅިއަށް ބިންދައިގެން ދިޔައިރު އެ އުޅަނދު ކަނޑުގެ އަޑިއަށް ފެތުނީ ގަނޑުފެންގަނޑުގައި ޖެހުނުތާ 2 ގަޑިއިރާ 40 މިނެޓް ފަހުންނެވެ.

އެ ހާދިސާގެ މައްޗަށް ބިނާކޮށް ޖޭމްސް ކެމަރޫން ވަނީ 1997 ވަނަ އަހަރު "ޓައިޓޭނިކް" ގެ ނަމުގައި ފިލުމެއްވެސްް ހަދާފައެވެ. ޓައިޓޭނިކް އުޅަނދު ބަނުމަށް ހިނގި ހަރަދަށްވުރެ ބޮޑު ހަރަދެއް މި ފިލުމު އުފެއްދުމަށް ވަނީ ހޭދަވެފައެވެ.

ޓައިޓޭނިކް އުޅަނދުގައި ފަސްޓްކްލާސް ޓިކެޓެއް ވިއްކާފައިވަނީ 870 ޕައުންޑަށެވެ. މިއަދުގެ އަގުން ނަމަ އެއީ 75،156 ޕައުންޑެވެ.