އެމެރިކާގެ ރައީސް ދަތުރުކުރައްވާ ކާރާއި ގުޅޭ މި ކަންކަން އެނގޭތަ؟

ދުނިޔޭގެ ގައުމުތަކުގެ ވެރިންނަށް ހާއްސަ ކާރުކޮޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކާރަކީ އެމެރިކާގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ކާރެވެ. "ދަ ބީސްޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި ކާރަކީ ސަލާމަތީ ގިނަ ސިފަތަކެއް ހިމަނާފައިވާ ކާރެކެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެއްގަމު މަގުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރައްވާނީ މި ކާރުގައެވެ. މި ކާރުގެ ދޮރުތަކަކީ އާމާރ ޕްލޭޓެޑް ދޮރުތަކެކެވެ. ދޮރުތަކުގެ ބޯ މިނުގައި އަށް އިންޗި ހުރެއެވެ. އެހެންކަމުން ބަޑީގެ ހަމަލާއެއް ދިން ކަމުގައިވީ ނަމަވެސް ކާރުގެ އެތެރޭގައި ތިބި މީހުންނަށް ގެއްލުމެއް ނުލިބޭނެއެވެ.

ދަ ބީސްޓްގެ ދޮރުތައް އެއްކޮށް ލައްޕާފައި ހުންނައިރު، ކާރު ކައިރީގައި ވިހަ ގޭހުގެ ހަމަލާއެއް ދިން ކަމުގައި ވިޔަސް ކާރުގެ އެތެރެއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.

ހާލަތެއް ދިމާވެދާނެ ކަމަށްޓަކައި، މި ކާރުގައި އޮކްސިޖަން ސަޕްލައި ހުރެއެވެ. އޭގެ އިތުރުން ސްޓްލައިޓް ފޯނެއް މި ކާރުގައި ހުންނައިރު، އެ ފޯނަކީ އެމެރިކާގެ ރައީސްގެ ނައިބަކަށް އެވަގުތަކު ހުންނަ ބޭފުޅަކަށް ގުޅުމަށް ހާއްސަ ފޯނެކެވެ.

ދިމާވާ ހާދިސާއެއްގައި، އެމެރިކާގެ ރައީސަށް ޒަހަމެއް ލިބި، ލޭ އަޅަން ޖެހިއްޖެ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި، އެމެރިކާގެ ރައީސްކަމުގައި އެވަގުތަކު ހުންނަވާ ބޭފުޅެއްގެ ލޭގެ ގްރޫޕްގެ ލޭ އަބަދުވެސް އެ ކާރުގައި ހުރެއެވެ.

އެމެރިކާގެ ރައީސަށް ސެކިޔުރިޓީ ދޭ ސީކްރެޓް ސާވިސްގެ އޮފިޝަލުންނަކީ، އެފަދަ ހާލަތުގައިވެސް ފަރުވާ ދެވޭ ފެންވަރަށް ތަމްރީނުވެފައިވާ އޮފިޝަލުންނެވެ.

ދަ ބީސްޓް ކާރުގެ ތިރި ފަރުމާކޮށްފައިވަނީ ސްޓްރީލް ޕްލޭޓް ބޭނުންކޮށްގެންނެވެ. އެއީ ދީފާނެ މައިން ނުވަތަ ބޮމުގެ ހަމަލާއަކުން ރައީސް ރައްކާތެރިކުރުމަށެވެ. މި ކާރުގެ ކުޑަ ދޮރުތަކަކީވެސް ވަޒަން ނާރާ ގޮތަށް ފަރުމާކޮށްފައިވާ ދޮރުތަކެކެވެ.