ފިލްމް ޓައިޓޭނިކްގެ މަންޒަރެއް

ޓައިޓޭނިކް އަލުން ސިނަމާއަށް

އެކްޓްރެސް ކޭޓް ވިންސްލެޓް އާއި އެކްޓަރު ލިއަނާޑޯ ޑިކެޕްރިއޯ ލީޑް ރޯލު ކުޅެފައިވާ ފިލްމް، "ޓައިޓޭނިކް" އަލުން ސިނަމާތަކަށް އައުމަށް ތައްޔާރުވެއްޖެއެވެ.

ޖޭމްސް ކެމަރޫން ޑައިރެކްޓްކޮށްފައިވާ ފިލްމް، "ޓައިޓޭނިކް" ފުރަތަމަ ރިލީޒްކުރީ 1997 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ފިލްމް އަލުން ސިނަމާތަކަށް ގެނައުމަށް ނިންމީ، ފިލްމަށް 25 އަހަރު ފުރޭތީއެވެ.

ހޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ރިމާސްޓާ ވާޝަން ޑިސްޓްރިބިއުޓް ކުރާނީ ޑިޒްނީންނެވެ. ފިލްމް 3ޑީ 4ކޭ އެޗްޑީއާރްކޮށް، މާސްޓާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފިލްމް ޓައިޓޭނިކް އުފެއްދީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 2.2 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. ފިލްމްގެ 3ޑީ ވާޝަންއެއް 2012 ވަނަ އަހަރު ރިލީޒްކުރިއެވެ.