މުވައްޒަފުން ވަޒީފާ ދޫކޮށްލަނީ ވެރީންގެ އިހުމާލުން

މުވައްޒަފުން ވަޒީފާއިން ކެނޑޭކަމުގެ ޝަކުވާއަކީ ގިނަ އޮފީސްތަކުގެ ވެރިން އަބަދުވެސް ކުރާ ޝަކުވާއެކެވެ.

އޮފީހުގެ ވަޒީފާއަށް ގެންނަ މުވައްޒަފުން، ވަޒީފާގައި ހަރުނުލާ ކަމުގެ ޝަކުވާއާއި ރަނގަޅު މުވައްޒަފުން ހޯދަން އުނދަގޫވާ ކަމުގެ ޝަކުވާއަކީވެސް ބައެއް އޮފީސްތަކުގެ ވެރިންގެ ޝަކުވާއެކެވެ.

ގިނަ ފަހަރު، މުވައްޒަފުން، އެ މުވައްޒަފަކު އަދާކުރާ ވަޒީފާ ދޫކޮށްލަނީ، އެ އޮފީހަކާމެދު ހިތްހަމަނުޖެހިގެންނެވެ.

މާ ބުރަށްކޮށް މަސައްކަތް ކުރަން ޖެހުން

ވަޒީފާއެއް ނަމަ ބުރަވެސް ވާނެއެވެ. ބައެއް ފަހަރު ގިނަ ވަގުތުވެސް ހޭދަކުރަން ޖެހިދާނެއެވެ. ނަމަވެސް އެކަށީގެން ނުވާވަރަށް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަކީ އެ މުވައްޒަފުންނަށް ދެވޭ އަދަބެކެވެ. މުވައްޒަފުން ދެކޭނީވެސް އެގޮތަށެވެ.

މުވައްޒަފުން ކުރާ މަސައްކަތް ބަލައިނުގަތުން

އޮފީހެއްގެ ކުރިއެރުމަކީ އެ އޮފީހެއްގެ ހީވާގި މުވައްޒަފުންނެވެ. އެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަކީ، އޮފީހާމެދު އެ މުވައްޒަފުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. މުވައްޒަފުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ބަލައިގަތުމުގެ ބަދަލުގައި އޮފީސްތަކުގެ ވެރިން ގިނަ ފަހަރަށް ފާހަގަ ކުރަނީ އެ މުވައްޒަފަށް ހެދޭ ގޯސްތަކެވެ.

ވަޒީފާއަށް މުވައްޒަފުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން

މަގާމުގެ ކުރިއެރުން ލިބުމަކީ، މުވައްޒަފުން އެ އޮފީހުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެކެވެ. އެއީ އޮފީހާމެދު މުވައްޒަފުންގެ އިތުބާރު ބޮޑުވެގެންދާ ކަމެކެވެ.

އޮފީހުގައި މަސައްކަތްކުރާ ރަނގަޅު މުވައްޒަފުން ވަޒީފާ ދޫކޮށްދާ އެއް ސަބަބަކީ، މަގާމުގެ ކުރިއެރުން ނުލިބުމެވެ. އޮފީހުގެ މަސައްކަތަށް ފަރުވާތެރި، ހީވާގި އަދި ގިނަ ދުވަހު ވަޒީފާގައި ދެމި ތިބި މުވައްޒަފުން ތިއްބާ، މާފަހުން، ހަމަ އެއް ދަރަޖައެއްގެ މަގާމަކަށް ގެންނަ މުވައްޒަފުންނަށް ބޮޑު މުސާރަ ދިނުމާއި ޕްރޮމޯޝަން ދިނުމަކީ މުވައްޒަފުން ވަޒީފާ ދޫކޮށްލާ ސަބަބެކެވެ.