ކައިވެނި ރޫޅުމުން ހިތުގެ ބައްޔަށް މަގުފަހިވޭ

ކައިވެނި ރޫޅުމަކީ ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ދިރާސާކުރާ ޓީމަކުން، ކުރި އެ ދިރާސާގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ވަނީ ބައިވެރިކޮށްފައެވެ. ދިރާސާއިން ހާމަވި ގޮތުގައި ކައިވެނި ރޫޅުމުގެ ސަބަބުން އެކަމާ މާބޮޑަށް ވިސްނުމުގެ ސަބަބުން ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

ކައިވެނިކޮށްގެން އުޅޭ މީހުން ހިތުގެ ބައްޔެއްގައި މަރުވުމުގެ ފުރުސަތު، ކައިވެނި ރޫޅިފައިވާ މީހުންނަށްވުރެ ކުޑަ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

އެ ދިރާސާގައި، ހިތުގެ ހާއްސަ ޑޮކްޓަރުންވެސް ބައިވެރިވެފައިވާއިރު، އެ ފަރާތްތަކުން ބުނާ ގޮތުގައި ލޯބިން ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަވުމުގެ ސަބަބަކީ އެއީ އެކަކު އަނެކަކަށް އަޅާލާ ބަޔަކަށްވާތީއެވެ.

ކައިވެނި ރޫޅުމުން އެކަމާމެދު ވިސްނާ މީހުން ގިނަ ކަމަށް ދިރާސާކުރި ޓީމުން ބުނެއެވެ. އެގޮތުން ދަރިންގެ ކަންކަން ބަލަހައްޓާނެ ގޮތަކާމެދު ގިނަ ބަޔަކު ވިސްނާ ކަމަށް ދިރާސާކުރި ޓީމުން ބުނެއެވެ.