ދިރިއުޅުމުގެ އާދަތަކުގެ ސަބަބުންވެސް ބޮލުން އިސްތަށި ފައިބާ

ބޮލުން އިސްތަށި ފައިބާތީ އެކަމަށް ހައްލެއް ހޯދުމަށް ބައެއް މީހުން ދަނީ ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ. އިސްތަށި ފޭބުން ހުއްޓުވާ އެކަމަށް ހައްލެއް ހޯދުމަށް މީހުން ބުނާ ކްރީމްތަކާއި ޖެލް ނުވަތަ ޝޭމްޕޫވެސް ބޭނުންކުރެއެވެ.

އިސްތަށިގަނޑު ބަލިވެ، އިސްތަށި ފޭބުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް އާދަކާދަތަކެވެ.

މާ ގިނައިން ބޮލުގައި ފުނާ އެޅުން

ބޮލުގެ އިސްތަށިގަނޑުގައި މާ ގިނައިން ފުނާ އަޅާނަމަ އިސްތަށިގަނޑުގެ ބުޑުގެ ބާރު ދެރަވެ އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. ކަމާ ބެހޭ މާހިރުން ލަފާ ދެނީ ދުވާލަކު ދެފަހަރަށްވުރެ ގިނައިން ބޮލުގައި ފުނާ ނޭޅުމަށެވެ. ފުނާ އެޅުމަށް އެންމެ ރަނގަޅީ ހެނދުނާއި ހަވީރު ކަމަށްވެސް މާހިރުން ލަފާދެއެވެ.

ފުނާ ސާފުނުކުރުން

ފުނަލަކީވެސް ދޮވެ، ސާފުތާހިރުކޮށް ބާއްވަން ޖެހޭ އެއްޗެކެވެ. ފުނާ ދޮންނައިރު، ތިމާ ބޭނުންކުރާ ޝޭމްޕޫ ބޭނުން ކުރެވިދާނެއެވެ. އޭގެ އިތުރުން ތިމާގެ އިސްތަށިގަނޑުގައި ލާން ބޭނުންކުރާ ތެޔޮ ފަދަ އެއްޗެއްވެސް ބޭނުން ކުރެވިދާނެއެވެ.

ހުޅިޖެހުން

އިސްތަށިގަނޑު ހުޅިޖަހާފައި ބެހެއްޓުމަކީ އިސްތަށިގަނޑު ބަލިވުމަށް މެދުވެރިވާ ކަމެކެވެ. ސަބަބަކީ މިއީވެސް އިސްތަށިގަނޑުގެ ބުޑުތަކަށް ގެއްލުން ލިބޭ ކަމަކަށް ވާތީއެވެ. ނަމަވެސް ބައެއް މިހުން ވަޒީފާ އަދާ ކުރާ ތަނުގެ ގޮތުން ނުވަތަ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދުވާލުގެ ގިނަ ވަގުތު، އުޅެނީ އިސްތަށިގަނޑުގައި ހުޅި ޖަހައިގެންނެވެ،

އިސްތަށިގަނޑު ނުހިއްކާ ބޭރަށް ނުކުތުން

ފެންވަރައިގެން ނުކުމެ، އިސްތަށިގަނޑު ރަނގަޅަށް ނުހިއްކާ ބައެއް މިހުން ބޭރަށް ނުކުމެވެ. ބޭރަށް ނުކުންނައިރު އިސްތަށިގަނޑު ތެމިފައި ހުރުމުގެ ސަބަބުން، ވައިގެ ތެރޭގައި ދައުރުވާ ކުދި ކުޑިބުނޑި ފަދަ ތަކެތި ފަސޭހައިން އިސްތަށިތަކުގައި ތަތްލަވައެވެ.