ސައުދީ އަރަމްކޯއަށް ލިބުނު ފައިދާ ދަށަށް ހިނގައްޖެ

ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯއަށް މިދިޔަ އަހަރު ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

އެ ކުންފުނިން އާދިއްތަ ދުވަހު އާންމުކުރި މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 49 ބިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް 2019 ވަނަ އަހަރު، އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 88 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. 2018 ވަނަ އަހަރު އަރަމްކޯއަށް ފައިދާގެ ގޮތުގައި 111 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މިދިޔަ އަހަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރުތައް ހުއްޓިގެންދިޔަ އަހަރެކެވެ.

އާމްދަނީ ދަށްވި ނަމަވެސް، ހިއްސާގެ ފައިދާ ބަހާނެ ކަމަށް ސައުދީ އަރަމްކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން މިދިޔަ އަހަރު އެވަރެޖްކޮށް ދުވާލަކު 9.2 މިލިއަން ފީފާގެ ތެޔޮ އުފައްދާފައިވެއެވެ. ކުންފުނީގެ ކެޕިޓަލް ހަރަދަށް މިދިޔަ އަހަރު 27 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވެފައިވެއެވެ. އޭގެ ކުރީ އަހަރު ކުންފުނީގެ ކެޕިޓަލް ހަރަދަށް ހޭދަވީ 32.8 ބިލިއަން އެމެރިކާ ޑޮލަރެވެ.

އަރަމްކޯގެ މިއަހަރުގެ ކެޕިޓަލް ހަރަދަށް ގާތްގަނޑަކަށް 40 – 45 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް ކުރިން ލަފާކުރިއެވެ. ނަމަވެސް މިހާރު ކެޕިޓަލް ހަރަދަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 35 ބިލިއަން އެމެރިކާ ޑޮލަރެވެ.