ހެޕީމާކެޓްގެ ފިހާރައެއް: ފައިލް ފޮޓޯ ހެޕީމާކެޓް

ހެޕީމާކެޓުން ވިއްކާ ކާބޯތަކެތީގެ އަގު ރޯދައަށް ހެޔޮކޮށްފި

ކާބޯ ތަކެތީގެ ބާވަތްތައް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ހެޕީމާކެޓުން، ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް ހެޔޮކޮށްފިއެވެ.

ހެޕީމާކެޓް ޓްރޭޑިންގް ކޮންޕެނީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހަކީ ބައެއް ބާވަތްތަކުގެ ކާބޯތަކެތި ބޭނުން ކުރާ މިންވަރު އިތުރުވާ މަހަކަށްވުމުން ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ކޮންމެ ރޯދަ މަހަކުވެސް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހު ބައެއް ބާވަތްތަކުގެ ކާބޯތަކެތީގެ އަގު އާދަޔާ ހިލާފަށް އުފުލެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެޕީމާކެޓުން ބުނެއެވެ.

"މިކަމުން ރައްޔިތުންނަށް ދިމާވާނެ ދަތިކަން އިހުސާސް ވާހާލު އަޅުގަނޑުމެންގެ ކުންފުނިން ވިއްކަމުން ދާ ހުރިހާ މުދަލެއްގެ އަގު ރަމަޟާން މަސް ނިމެންދެން ބެހެއްޓޭނެ އެންމެ ހެޔޮ އަގުގައި ހިފަހައްޓާނެ ކަމުގެ ޔަޤީން ކަން އަރުވަމެވެ." ބަޔާނުގައި ބުނެފައިވެއެވެ.

ހެޕީމާކެޓުން ވިއްކާ ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތައް އަދި ކުކުޅު ބިހުގެ އަގު ބޮޑުވިޔަ ނުދީ ކޮންޓްރޯލް ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ކުންފުނިން ވަނީ އެހެން ވިޔަފާރިތަކުންވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ކޮންޓްރޯލްކޮށްދިނުމަށް އެދިފައެވެ.