އަނޫޕަމް

އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތަކަށް އަނޫޕަމްގެ ތައުރީފު

ކޮވިޑް-19 އާ ގުޅިގެން، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އެކްޓަރު އަނޫޕަމް ކޭރް ތައުރީފުކޮށްފިއެވެ.

ލަންޑަންގައި ހަތަރު މަސް ދުވަސް ހޭދަކުރުމަށްފަހު، އެކްޓަރު އަނޫޕަމް އިންޑިއާއަށް ގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ. މުމްބާއީ އެއާޕޯޓްގައި ނަގާފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން، އަނޫޕަމް ބުނީ ކަމާބެހޭ ފަރާތްތަކުން އަޅާފައިވަނީ ހަރުކަށި ފިޔަވަޅުތަކެއް ނަމަވެސް އެއާޕޯޓުން މީހުންނާމެދު ކަންކަން ކުރާގޮތް ރަނގަޅު ކަމަށެވެ. ކޮވިޑް-19 ގެ ހާލަތުގައި އިންޑިއާއިން އަޅާ ފިޔަވަޅުތަކަކީ ނަމޫނާއެއް ކަމަށާއި އިދާރާތަކަށް ތައުރީފު ހައްގު ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އަނޫޕަމް އިންސްޓަގްރާމްގައި އާންމުކުރި އެހެން ވީޑިއޯއަކާއެކު، ކުރި ޕޯސްޓްގައި ބުނީ އޭނާ އާންމުކޮށް ބޭރު ގައުމަކުން އެނބުރި ގައުމަށް އައިސް، އަމިއްލަ ގެއަށް އައުމުގެ ކުރިންވެސް ޒިޔާރަތްކުރަނީ އަވައްޓެރިޔާ އަދި ގާތް އެކުވެރިޔާ އަނިލް ކަޕޫރު ގެއަށް ކަމަށެވެ. ނަމަވެސް އެކަން ބަދަލުވެފައިވާ ކަމަށާއި މުހިންމީ ސޯޝަލް ޑިސްޓެންސް ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.

އެކްޓަރު އަނިލް ކަޕޫރު ވަނީ އަނޫޕަމް ދިރިއުޅޭ ގެ ކައިރިއަށް ގޮސް އަނޫޕަމް އާ ވާހަކަ ދައްކާފައެވެ. އަނޫޕަމް އޭނާގެ ގޭގެ ބެލްކަނީގައި ހުރިއިރު، އަނިލް ކަޕޫރު ހުރީ މަގުމަތީގައެވެ. ދެ ފަންނާނުންވެސް ވަނީ އެ މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.