މަކަރާއި އޮޅުވާލުމުގެ ތުހުމަތު ސޮނާކްޝީއަށް
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ އާއި އިތުރު ހަތަރު މީހެއްގެ މައްޗަށް މަކަރާއި އޮޅުވާލުމުގެ ތުހުމަތުކޮށްފިއެވެ.
ސޮނާކްޝީ ސިންހާގެ އިތުރުން މަކަރާއި އޮޅުވާލުމުގެ ތުހުމަތުކޮށްފައިވާ އަނެއް ހަތަރު މީހުންނަކީ އަބިޝޭކް ސިންހާ އާއި މަލްވިކާ ޕުންޖާބީ އާއި ޑުމިލް ތައްކަތް އަދި އިދްގާރް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައިވަނީ އިންޑިއާގެ ދިއްލީގައި ބޭއްވުމަށް ހަމަޖެއްސި އިވެންޓެއްގައި މުނިފޫހިފިލުވުމުގެ އައިޓަމް ހުށަހަޅައިދިނުމަށް ފައިސާ ނެގުމަށްފަހު އެ އިވެންޓްގައި ބައިވެރިނުވުމުންނެވެ. އެ އިވެންޓަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެއްސި އިވެންޓެކެވެ.
ތުހުމަތުތައްކޮށް އެ މައްސަލަ އިންޑިއާގެ ފުލުހުންނަށް ރިޕޯޓުކުރި ފަރާތުން ބުނެފައިވަނީ އިވެންޓްގައި ބައިވެރިވުމަށް ސޮނާކްޝީ އެއްބަސްވި ކަމަށާއި އެކަމަށް ސޮނާކްޝީއަށް 37 ލައްކަ ރުޕީސް ފޮނުވި ކަމަށެވެ. ނަމަވެސް އިވެންޓްގައި ބައިވެރިވުމަށް ސޮނާކްޝީ ދެކޮޅު ހެދީ އެންމެ ފަހު ވަގުތު ކަމަށާއި އެކަމުގެ ސަބަބުން އިވެންޓް އިންތިޒާމުކުރި ފަރާތަށް ގެއްލުންވެފައިވާ ކަމަށެވެ.
ސޮނާކްޝީ އާއި އަނެއް ހަތަރު މީހުންނަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން އިންޑިއާގެ ފުލުހުން ބުނީ، ފައިސާގެ މުއާމަލާތްތައް ކުރެވިފައިވަނީ އިންޓަނެޓް ބޭންކިންގް މެދުވެރިކޮށް ކަމަށާއި އެ ތުހުމަތުތަކުގައި ހަގީގަތެއްވާ ކަމަށް ބެލެވޭ ކަމަށެވެ.