އަމްރިތާއާ އަދި ބައްދަލެއް ނުވޭ: ކަރީނާ

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގް އާ މިހާތަނަށް ބައްދަލުވެފައި ނުވާ ކަމަށް ސައިފްގެ މިހާރުގެ އަނބިމީހާ ކަރީނާ ކަޕޫރް ބުނެފިއެވެ.

ކަރީނާ ކަޕޫރް އެކަން ހާމަކޮށްފައިވަނީ "ކޮފީ ވިތު ކަރަން" ޝޯގައި ކަރަން ޖޯހަރް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ކަރީނާގެ އެ ޖަވާބުވުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

ޝޯގައި ކަރަން ޖޯހަރް ވަނީ، އަމްރިތާ އާއި ގުޅުން ބާއްވާ ވާހަކަ ދައްކާ އުޅެންތޯ ކަރީނާ އާއި ސުވާލުކޮށްފައެވެ.

"ނޫން. ނަމަވެސް އަހަރެން އޭނާ (އަމްރިތާ) އަށް ވަރަށް ބޮޑަށް އިހުތިރާމު ކުރަން. އަހަރެމެން ދެ މީހުން އަދި ބައްދަލެއް ނުވޭ" ކަރީނާ ޖަވާބު ދިނެވެ.

ކަރީނާ ކަޕޫރު ބުނި ގޮތުގައި ސައިފް އަލީ ހާނާއި ބައްދަލުވީ ސައިފް އާއި އަމްރިތާގެ ކައިވެނި ރޫޅުނުތާ އަހަރުތަކެއް ފަހުންނެވެ.

ސައިފް އަލީ ހާނާއި އަމްރިތާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެއެވެ. އެއީ ސާރާ އަލީ ހާނާއި އިބްރާހީމް ހާނެވެ. އެ ކުދިންނާއި ކަރީނާއާމެދު އޮންނަނީ ގާތް ގުޅުމެކެވެ.

މީގެ ކުރިން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ކަރީނާ ބުނެފައިވަނީ ސާރާ އާއި އިބްރާހީމްގެ ރަނގަޅު މަންމައެއް އެބަހުރި ކަމަށާއި އެހެން ކަމުން އެ ކުދިންގެ މަންމައެއްގެ ގޮތުގައި ކަރީނާއަށް ނުހުރެވޭނެ ކަމަށެވެ.

"ސައިފް ގާތުގައިވެސް އަހަރެން ބުނެފަ އޮންނާނީ އެ ކުދިންގެ މަންމައެއްގެ ގޮތުގައި ނުހުރެވޭނެ ކަމަށް. އެއީ އެ ކުދިންނަށް ރަނގަޅު މަންމައެއް ލިބިފައިވާތީ. އެކަމަކު އެ ކުދިންގެ އެކުވެރިއްގެ ގޮތުގައި އަހަރެން ހުންނާނަން" ކަރީނާ ބުނެފައިވެއެވެ. ކަރީނާ ވަނީ ސާރާ އާއި އިބްރާހީމް ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް ބުނެފައެވެ.