ފޮޓޯ: އެމްޓީސީސީ

މުރައިދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 50 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމަށް ވަނީ ނިންމާފައެވެ. އަދި 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ބަނދަރާއި ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯރކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.