ދަރިފުޅާމެދު ފަހުރުވެރިވަން: ސައިފް
ދަރިފުޅު ސާރާ އަލީ ހާނާއި މެދު ފަހުރުވެރިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން ބުނެފިއެވެ.
ސާރާއަކީ ސައިފް އަލީ ހާނާއި އޭނާގެ ކުރީގެ އަނބިމީހާ އަމްރިތާ ސިންގް ގެ ފުރަތަމަ ދަރިފުޅެވެ. ދަރިފުޅާ މެދު ފަހުރުވެރިވާކަން ހާމަކޮށް ސައިފް ވަނީ އެކަމުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ އަމްރިތާއަށް ކަމަށް ބުނެފައެވެ.
ކޮލަމްބިއާ ޔުނިވާސިޓީން ސާރާއަށް ކިޔެވުމުގެ ފުރުސަތު ލިބި ދެ އަހަރުގެ ތެރޭގައި ގްރެޖުއޭޓްވުމުން ވަރަށް ފަހުރުވެރިވާ ކަމަށް ސައިފް ބުންޏެވެ. އަދި ގޭގައި އުޅޭ މަސައްކަތު މީހުންނާމެދުވެސް ސާރާ އަމަލުކުރަނީ ވަރަށް ރަނގަޅަށް ކަމުން އެކަމާމެދުވެސް ފަހުރުވެރިވާ ކަމަށް ސައިފް ބުންޏެވެ.
ސާރާއަކީ ވަރަށް އަހުލާގު ރަނގަޅު ކުއްޖެއްކަން ފާހަގަކޮށް ސައިފްވަނީ ހުރިހާ ޝުކުރެއް އޭނާގެ ކުރީގެ އަނބިމީހާއަށް އަދާކޮށްފައެވެ.