ފޯނުގެ ޗާޖު އަވަހަށް ދަނީތަ؟ މިއީ ސަބަބަށް ވެދާނެ

ބޭނުންކުރާ ސްމާޓް ފޯނުގެ ޗާޖް އަވަހަށްދާކަން ފާހަގަ ކުރެވޭ ހެއްޔެވެ؟ ފޯނުގެ ބެޓެރީގެ މައްސަލައަކުން ނުވަތަ ފޯނުގެ ސެޓިންގްސް ސެޓް ކުރެވިފައިވާ ގޮތެއްގެ ސަބަބުންވެސް ޗާޖް އަވަހަށް ދިއުމަށް މެދުވެރިވެއެވެ.

ގިނަ ދުވަސްވަމުންދާ ވަރަކަށް ފޯނުގެ ބެޓެރީގެ ބާރުވެސް ދަށަށްދާނެއެވެ. އެހެންކަމުން އަލަށް މޯބައިލް ފޯނު ގަންނައިރު ބެޓެރި ޗާޖް ގިނަ ވަގުތު ހިފެހެއްޓި ނަމަވެސް އޭގެ އަހަރެއް ނުވަތަ ދެ އަހަރު ފަހުން އެ މިންވަރުގައި ބެޓެރި ޗާޖު ނުހުރެދާނެއެވެ. މައްސަލަ ހައްލުކޮށްލުމަށް ފޯނަށް އާ ބެޓެރިއެއް ހޯދިދާނެއެވެ.

ފޯނު ސްކްރީންގެ ބްރައިޓްނަސް ގަދަވުމާއި ފޯނުގެ ސްކްރީންގައި ލައިވް ވޯލްޕޭޕަރު ހުރުމަކީ، ފޯނުގެ ބެޓެރި ޗާޖް އަވަހަށް ދިއުމަށް މެދުވެރިވާ ދެ ސަބަބެވެ. ފޯނުގެ ބްރައިޓްނަސް މެދުމިންވަރެއްގައި ބަހައްޓާލެވިދާނެއެވެ. ގިނައިރު ޗާޖް ބަހައްޓަން ބޭނުން ނަމަ ލައިވް ވޯލްޕޭޕަރު ބޭނުންނުކުރާށެވެ.

ފޯނުގެ ޗާޖު އަވަހަށް ދިއުމަށް މެދުވެރިވާ އަނެއް ސަބަބަކީ، ފޯނުގެ އެޕްލިކޭޝަންސްތަކާއި ޕްރޮގްރާމްތައް ރަނގަޅަށް ކްލޯޒް ނުކުރެވުމެވެ. ފޭސްބުކް ނުވަތަ އިންސްޓަގްރާމް އަދި އެނޫންވެސް އެޕްލިކޭޝަނެއް ހުޅުވާލުމަށްފަހު ރަނގަޅަށް އެޕްލިކޭޝަން ކްލޯޒް ނުކުރެވުމުން ފޯނުގެ ބެކްގްރައުންޑްގައި އެ އެޕްލިކޭޝަން ހިނގައެވެ. ނަތީޖާއަކީ ނޭނގި ހުއްޓާ ފޯނުގެ ޗާޖް ދިއުމެވެ.

މިހާރުގެ ސްމާޓްފޯނުތައް ފަރުމާކޮށްފައި ހުންނަ ގޮތުން، އެ ފޯނުގެ ބެޓެރީ އެންމެ ގިނައިން ހޭދަވާ އެޕްލިކޭޝަންތައް އެނގެން ހުންނާނެއެވެ. ފޯނުގެ ބެޓެރީ ސެޓިންސްގެ ތެރެއިން މި މައުލޫމާތު ހޯދާ، ބޭކާރު އެޕްލިކޭޝަނެއްވާނަމަ އެ އެޕްލިކޭޝަނެއް އަންއިންސްޓޯލް ކޮށްލެވިދާނެއެވެ.